ކ. މާފުއްޓާއި އެރަށު ހިއްކި ސަރަހައްދު ގުޅުވާލަދޭ ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މާފުއްޓާއި އެ ރަށުގެ ހިއްކާފައިވާ ސަރަހައްދު ގުޅާލުމަށް 137 މީޓަރުގެ ބްރިޖެއް އެޅޭނެ ކަމަށެވެ. އަދި މި މަޝްރޫއުއަކީ 35.42 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ހިންގާ އެއްރަށް ކަމަށްވާ މާފުށީ ރައްޔިތުންނަށް މި ބުރިޖު މަޝްރޫއުގެ ދަށުން ދަތުރުފަތުރު ކުރުމުގައި ލުއި ފަސޭހަތަކެއް ލިބި ލަފާ ފުރުމާއި މުދާ އުފުލުމާއި ބޭލުމުގެ ކަންތައްތައް ހަރުދަނާވެ، ހަލުވިވެގެންދާނެ ކަމަށާއި، ހިއްކާފައިވާ ސަރަހައްދުން ބޯހިޔާވަހިކަމާއި ސިނާއީ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ބިން ދޫކުރެވޭއިރު މި ބުރިޖާއިއެކު ރަށުގެ އުމްރާނީ ތަރައްގީ އާއި އިގުތިސާދީ ދުވެލި އިތުރަށް ހަލުވިވެ، މިހާރަށްވުރެވެސް ރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރައިގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ އާދަމް އާއި އިމާރާތްކުރުމާއި ގެދޮރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާ އިސްމާއީލް ހަމީދުގެ އިތުރުން އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓާ މުހައްމަދު ޖަމްޝީދު އަދި މާފުށީ ކައުންސިލްގެ އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ.




