ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މެލޭޝިއާއަށް ނިސްބަތްވާ، އުމުރުން 38 އަހަރުގެ ރަންޖިނި ޖީވަނަންތަން އާއި ގދ. ވާދޫ / ފުރުސަތު، އުމުރުން 29 އަހަރުގެ ލޫތު އިބްރާހީމްގެ އިތުރުން ގއ. ދާންދޫ / ސަން ލައިޓްވިލާ، އުމުރުން 21 އަހަރުގެ އަހުމަދު ރިޝްމާހް ކަމަށެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން ރަންޖިނި ޖީވަނަންތަން ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ. އަދި ލޫތު އިބްރާހީމް އާއި އަހުމަދު ރިޝްމާހް ހައްޔަރުކޮށްފައިވަނީ މާލެއިން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ރަންޖިނި ޖީވަނަންތަން އާއި ލޫތު އިބްރާހީމް 15 ދުވަަހަށް ހައްޔަރު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ އަދި އަހުމަދު ރިޝްމާހް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވަނީ ފަސް ދުވަހަށް ކަމަށްވެސް ފުލުހުން މައުލޫމާތޫ ދީފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.





