- އިސްތިހާރު -spot_img

އާ ޓާމިނަލުން އެއާ އިންޑިއާއަށް ހިދުމަތް ދޭން ފަށައިފި

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއަށް ހިދުމަތް ދޭން ފަށައިފިއެވެ.

މިކަމަކީ ވީއައިއޭގެ ހިދުމަތްތައް ފުޅާކޮށް، ފަސިންޖަރުންނަށް ފަހި ތަޖުރިބާއެއް ފޯރުކޮށްދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތެކެވެ.

އާ ޓާމިނަލުން އެއާ އިންޑިއާއަށް ހިދުމަތް ދޭން ފެށުން ފާހަގަ ކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ. އެމަނިކުފާނުގެ އިތުރުން ރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު، ޖައިންދަރް ސިންގް ރަނާ އާއި އެމްއޭސީއެލްގެ އިސްވެރިންނާއި އެހެނިހެން އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެއާ އިންޑިއާގެ ފްލައިޓުން ރާއްޖެއިން ފުރައިގެން ދިޔަ 118 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި އާ ޓާމިނަލް އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް އިން ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިއެވެ.

އެއާ އިންޑިއާ އަކީ ދިވެހިރާއްޖެއާ ގުޅުން ބަދަހި އެއާލައިން އެކެވެ. އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 21 ފެބްރުއަރީ 1976 ގައެވެ. މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެއާ އިންޑިއާ ދެމުންދާ އެހީތެރިކަމާއި އެކުލަވާލާފައިވާ ގުޅުމުގެ ދިގު މާޒީއެވެ.

އެއާ އިންޑިއާ އާއެކު އާ ޓާމިނަލުން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 18 އަށް އިތުރުވެފައެވެ. މިކަމުން ވީއައިއޭގެ ގާބިލިއްޔަތުކަން އިތުރުވެ، އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެއެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. މިގޮތުން، ޓާމިނަލް 1 ގެ ހިދުމަތްތައް ފުޅާކުރަމުންދަނީ އެއަރޕޯޓްގެ ކެޕޭސިޓީ އިތުރުކޮށް، ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓްތަކުގެ ތެރޭގައި ވީއައިއޭ ހިމެނޭނެ ފަދަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި