’މަސްޖިދުއްޒިކުރާ‘ މިހާރު ހުރި ބިމުގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ ރޭ އަޅައިފި އެވެ.
އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނީ މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ކަމަށެވެ.
އެ ވުޒާރާއިން ބުނީ އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާ ކުރާ މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ ތިން ފަންގިފިލާގެ މިސްކިތެއް ކަމަށްވާއިރު މި މިސްކިތުގައި އަރާ ފޭބުމަށް ފަސޭހައަށް ލިފްޓު ހަރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މިސްކިތް ވެގެން ދާނީ މާލެ ސަރަޙައްދުގައި އެޅިގެންދާ ޖާގަ ތަނަވަސް މިސްކިތަކަށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. ހަމައެހެންމެ މި މިސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ވުޒާރާއިން ބުނެފައިވެ އެވެ.
އެ ވުޒާރާއިން ބުނީ މިއީ މާލެ ސަރަޙައްދުގައި ބިނާ ކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އައު މިސްކިތްތަކެއް ބިނާ ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުއެއް ކަމަށެވެ.




