އައްޑޫ ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި އިއްޔެ ހިނގި އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާގެ ހާލު ސީރިއަސް ވެ، އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލެ ފޮނުވާލާފައިވާ ކަމަށެވެ. އަދި އައިޗީއެމްއެޗުން ބުނީ އެ މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށާއި، ހާލު ސީރިއަސް ވެ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެއް ކަމަށެވެ.
މި އެކްސިޑެންޓްގައި އަނިޔާވެގެން ޖުމުލަ ފަސް މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ތިން މީހަކު މިހާރު ފަރުވާއަށްފަހު ދޫކޮށްލާފައިވާކަން ފާހަގަކުރެވެ އެވެ. އަދި އެކަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގިކަމުގެ މައުލޫމާތު ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 16:50 ހާއިރު ކަމަށެވެ. އަދި މި ކާރު ފުރޮޅާލީ ހިތަދޫ ހިއްކި ސަރަޙައްދުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތަހުގީގެއް ފަށާފަ އެވެ.




