- އިސްތިހާރު -spot_img

އައްޑޫ ލިންކް ރޯޑު ތަރައްޤީކުރުމަށް ޗައިނާ ކުންފުންޏަކަށް

އައްޑޫ ލިންކް ރޯޑު އަލުން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޗައިނާގެ ހޮންގްކޮންގްގެ ކުންފުނި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލަޖީ ކޯ ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މިކަމުގެ އެއްބަސްވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ރޯޓައިމް އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޒޫ ވެއިޑޮންގްއެވެ.

މި މަޝްރޫޢުގެ ދަށުން ޑީޓުއަރ ބުރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް 12.3 ކިލޯމީޓަރުގެ މަގު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވެއެވެ.

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީގެ ކުރިން ވިދާޅުވެފައިވަނީ އެ މަގު ތަރައްޤީ ކުރާނީ މަގު އެއްކޮށް ބަންދުނުކޮށްކަމަށެވެ. މި މަސައްކަތް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު މީގެ ކުރިން އެ މަގުގެ ބައެއް މަސައްކަތްތައް ކުރުމަަށް އާރްޑީސީއާވެސް ހަވާލުކުުރިއެވެ. އެ މަސައްކަތް ކުރުމަށް ބޭނުންވާ ބޮޑެތި އުޅަނދުތައް އެ ސީޓީއަށް ގެންގޮސް ސާފުކުރުމުގެ މަސައްކަތް މިއަހަރުގެ ކުރީކޮޅު ފެށިއެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި ސީޓީބީ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުން ހިމެނެއެވެ. މި މަޝްރޫއު ކުރިއަށްދަނީ މުޅި އައްޑޫ ސިޓީގައެވެ.

އައްޑޫ ލިންކް ރޯޑް އަލުން ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގެ ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މިހާރު ހުރި ދުވާރުތަކާއި ތާރުތައް ކޮނެގެން ނަގައި، ހައިވޭގެ 4 ލޭން ހިމެނޭ ސަރަހައްދުތަކުން ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. މި މަޝްރޫޢުގެ ދަށުން މަގުތަކުގައި ދުވާރު ހަދައި، މަގުމަތީގެ ނިޝާންތައް ހަރުކޮށް، ބައިބައި ވަކިކުރުމަށް ފާރު ބިނާކުރުން ފަދަ އިތުރު މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.

2003ވަނަ އަހަރު އައްޑޫ ލިންކް ރޯޑު ބޭނުންކުރަން ފެށިފަހުން އެކި ދުވަސްވަރު މަތިން މިމަގު މަރާމާތު ކުރި ނަމަވެސް މަގުގެ ހާލަތު އޮތީ، ވަރަށް ދަށްކޮށް ކަމަށް އެ ސިޓީގެ ރައްޔިތުން ފާހަގަކުރެއެވެ. އަދި މި މަގުގެ ފެންވަރު ދަށްވުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި މިމަގުގައި ނުރައްކާތެރި އެތައް ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ބައެއް ހާދިސާތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ފޫނުބެއްދޭ ވަރުގެ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެއެވެ.

spot_img

އެންމެފަސް

މި ލިޔުމާ ގުޅޭ
މި ލިޔުމާ ގުޅޭ