ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޖެނެރޭޝަނަލް ބޭން އަކީ ޓޮބޭކޯ ފްރީ ޖެނެރޭޝަން ނުވަތަ ދުންފަތުން ރައްކާތެރި ޖީލެއް ބިނާ ކުރުމުގެ ސިޔާސަތަކީ، ކަނޑައެޅޭ ވަކި ތާރީހެއްގެ ފަހުން އުފަންވެފރައިވާ އަަދި އުފަންވާ ފަރާތްތަކަކީ، އެމީހުންގެ މުޅި އުމުރުގައިވެސް ދުންފަތަށް ހުށައެޅުމުން ރައްކާތެރިކުރުވާ ސިޔާސަތެއް ކަމަށެވެ. އަދި މިގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުން އަދި މިފަދަ މުއާމަލާތްތަކުގައި ބައިވެރިވުން މި ފަރާތްތަކަށް މަނާވާނެއެވެ.
އެގޮތުން ޖެނެރޭޝަނަލް ބޭންގެ ދަށުން މަނާކުރެވޭ އުފެއްދުންތަކުގެ ތެރޭގައި ސިނގިރޭޓް ފަދަ ބިޑި ސުއްޓާ ސިނގިރޭޓާ ޝީޝާ ދުންފަތާއި ނިކޮޓިންޕައުޗް ހިމެނޭހެން އެއްވެސް އިސްތިސްނާއެއްނެތި ދުންފަތުގެ ހުރިހާ ބާވަތެއް ޖެނެރޭޝަނަލް ބޭންގެ ދަށުން މަނާވާ ތަކެތީގެ ތެރޭގައި ހިމެނޭނެއެވެ.
އެގޮތުން ދުންފަތުގެ އިސްތިއުމާލް ނުކުރާ ޖީލުތައް މުހިއްމުވާ ސަބަބުތަކުގެ ތެރޭގައި ފުރާވަރުގެ ކުދިން ދުންފަތާއި ނިކޮޓިން އެޑިކްޝަނުން ރައްކާތެރިކޮށްދީ މުސްތަގުބަލުގައި ދާއިމީ ބަލީގެ ބުރަ އާއި ސިއްހީ ފަރުވާގެ ހަރަދު ކުޑަކުރެވި ދުޅަހެޔޮ ދުންފަތުގެ އިސްތިއުމާލު ނުކުރާ ޖީލެއް ބިނާ ކުރުން ހިމެނެއެވެ.
ދުންފަތުން ދުރުހެލިވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް ތަންފީޒް ކުރަން ފެށި ”ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ“ އަކީ އަދުގެ ޖީލުތަކަށާއި އަންނަން އޮތް އެތަކެއް ޖީލުތަކަށް އޭގެއިން ގިނަ ފައިދާތަކެއް ލިބޭނެއެވެ. އަދި މި ބޭން ތަންފީޒްކުރަން ފެށުމާއިއެކު މީގެ ފައިދާ އެންމެ ބޮޑަށް ކުރާނެ އެއް ބަޔަކީ ސްކޫލް މާހައުލުގައި އުޅޭ ދަރިވަރުންކަން ފާހަގަކުރެވެއެވެ. މިއީ ސްކޫލް ދަރިވަރުން ދުންފަތުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް އެޅޭ ބާރެކެވެ.
އެގޮތުން އެހެންކަމުން 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިން، ދުންފަތުގެ އިސްތިއުމާލުކުރުން ސަރުކާރުން މަނާކޮށްފައިވާއިރު މި ކުދިންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުންވެސް މަނާކޮށްފައިވެއެވެ.




