އެމްޓީސީސީ އާއި ޔަންމާ ގުޅިގެން ރާޢްޖެއަށް ހާއްސަ ޔަންމާ ރެފްރިގެރޭޓަޑް ސީވޯޓާ (އާރްއެސްޑަބްލިޔު) ސިސްޓަމެއް ތައާރަފް ކޮށްފިއެވެ.
އާރްއެސްޑަބްލިޔު ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ ގދ. މަޑަވެލީގައެވެ.
ޔަންމާއިން މުޅީން އަލަށް އުފައްދާފައިވާ އާރްއެސްޑަބްލިޔު ނިޒާމު ރަސްމީކޮށް ދިވެހި މަސްދޯންޏެއްގައި ހަރުކޮށް ކޮމިޝަން ކުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމެވެ. އެ ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑް މެނޭޖިން ޑައިރެކްޓަރު ޖެކްސަން ޓާން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީ އާއި މަޑަވެލީ ކައުންސިލްގެ ރައީސް އާއި މެމްބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ރަސްމިއްޔާތުގައި އާރްއެސްޑަބްލިޔު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު ”ކަމަނަ އޮޑި“ ގެ ވެރިފަރާތް ސޯދިގް ހަސަނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ.
އެމްޓީސީސީން ވިދާޅުވީ އެ ކުންފުންޏާއި ޔަންމާ ގުޅިގެން ތައާރަފްކުރި އާރްއެސްޑަބްލިޔު ނިޒާމަކީ ރާއްޖޭގެ މަސްދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ހާއްސަކޮށްގެން މިގޮތަށް ތައާރަފް ކުރި ފުރަތަމަ ނިޒާމެއް ކަމަށެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ތިމާވެއްޓާއި ރައްޓެހި އުފެއްދުމެކެވެ.
އެގޮތުން ލޮނުފެން ފިނިކޮށްދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީ.އޯ.ޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާއި ރަށްތެހި ކެމިކަލެކެވެ.
އެމްޓީސީސީން ވިދާޅުވީ މި އާރްއެސްޑަބްލިއު ނިޒާމުގެ ސަބަބުން މަސްވެރިންނަށް އެތައް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އައިސް ނުލިބިގެން އުޅޭކަށް ނުޖެހޭއިރު، އުޅަނދުތަކުގައި މި ނިޒާމު ހަރުކުރުމުން، އުޅަނދު ހިންގަން ކުރާ ހަރަދު ކުޑަކުރެވި، އިސްރާފު މަދުވެގެންދާނެ ކަމަށް ްއެމްޓީސީސީން ވިދާޅުވިއެވެ. އަދި، މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައިދީ، މަހަށް ރަނގަޅު އަގު ލިބި، މަސްވެރިންގެ އާމްދަނީ އިތުރުވާނެ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
މީގެ އިތުރުން، އާރްއެސްޑަބްލިއުގައި އެކުލެވޭ ޓެކްނޮލޮޖީއާއި ކޮންޓްރޯލް ޔުނިޓްގެ ޔޫޒާ އިންޓަރފޭސްގެ ސަބަބުން، ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އާރްއެސްޑަބްލިއު ނިޒާމެއް ތައާރަފުކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ، މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ދިވެހި ސަރުކާރުން ވަނީ އާރްއެސްޑަބްލިއު ނިޒާމު ބޭނުންވާ ފަރާތްތަކަށް ހާއްސަ ފައިނޭންސިން ސްކީމެއް އިފްތިތާހް ކޮށްފައެވެ. އެ ސްކީމްގެ ދަށުން، އާރްއެސްޑަބްލިއު ޔުނިޓް، ޖެނެރޭޓަރު އަދި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމުވެސް ދިވެހި ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ.




