އުރީދޫ އިން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޮޑު މާލީ ކުރިއެރުމެއް ހޯދައި، 180 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފިއެވެ. މި ނަތީޖާއަކީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އުރީދޫއިން އާންމުކުރި މާލީ ހިސާބުތަކުން ދައްކައެވެ.
އުރީދޫއިން ބުރާސްފަތި ދުވަހު އާންމުކުރި ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި އެ ކުންފުންޏަށް ޖުމްލަ 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 1 އިންސައްތައިގެ އިތުރުވުމެކެވެ.
އާމްދަނީގެ ތަފްސީލުތަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނީގެ މޯބައިލް ހިދުމަތްތަކުންނެވެ. އެގޮތުން މޯބައިލް ހިދުމަތްތަކުން 404 މިލިއަން ރުފިޔާ ލިބިފައިވާއިރު، ފިކްސްޑް ބްރޮޑްބޭންޑް އަދި އެންޓަޕްރައިޒް ހިދުމަތްތަކުން ވަނީ 143 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފައެވެ.
މި ކުރިއެރުމާއެކު، އުރީދޫއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާކޮށް، ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މި ތިންވަނަ ކުއާޓަރުގައި ބ. ތުޅާދޫ އާއި ހދ. ހަންޏާމީދޫގައި ފައިބާ ބްރޮޑްބޭންޑުގެ ހިދުމަތް ވަނީ ފަށައިފައެވެ. މިއީ ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ޑިޖިޓަލް ހިދުމަތްތަކަށް ފަސޭހައިން ވަދެވޭނެ މަގުފަހިކޮށްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު ފިޔަވަޅެކެވެ.
މާލީ ކާމިޔާބީތަކުގެ އިތުރުން، އުރީދޫއިން ވަނީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އުރީދޫ މަސް ރޭސް މިދިޔަ ކުއާޓަރުގައިވެސް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ އުރީދޫއިން ދިވެހި މުޖުތަމައަށް ކޮށްދެމުންދާ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އިޖުތިމާއީ ހަރަކާތެކެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ މާލީ ގޮތުން ހޯދި މި ކާމިޔާބީއަކީ، ކުންފުނީގެ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ އިތުބާރާއި، މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައި ފާހަގަކޮށްފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދިވެހިރާއްޖޭގެ ޑިޖިޓަލް ތަރައްގީއަށް އިތުރަށް މަސައްކަތްކުރުމުގެ ކަށަވަރުކަންވެސް އެ ކުންފުނިން ވަނީ ދީފައެވެ.




