އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ އެ ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާ އިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރުންގެ ލަގެޖްގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާކަމަށް ޝައްކުކުރެވިގެން، އެފަސިންޖަރުންގެ ލަގެޖް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިސް ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3345 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ނަމަވެސް، އެ މަސްތުވާތަކެތި ފެނުނު އިންޑިއާގެ ދެ މީހުންގެ ވަނަވަރެއް ކަސްޓަމްސްއެއް ހާމައެއްކޮށްފައެއް ނުވެއެވެ.
ބެލެވޭ ގޮތުގައި އެ ދެ މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.



