ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މޯލްޑިވްސްއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރަމުންދާ މަސައްކަތްތަކަށާއި، ކަނޑު އަޑީގެ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫއިން އެމްއެންޑީއެފްއަށް ކަނޑު އަޑީގައި ބޭނުންކުރާ ހާއްސަ ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.
ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެތެއްގައި މި ތަކެތި ރަސްމީކޮށް އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓާ އަދި ސީއީއޯ، ހާލިދު އަލް ހަމާދީއެވެ. އަދި އެމްއެންޑީއެފް ގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ދިފާއީ ވަޒީރު، އޮނަރަބަލް މުހައްމަދު ޣައްސާން މައުމޫން އެވެ.
އުރީދޫއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ:
- 1 އޯޝަން ރީފް އެމް 105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން އިކުއިޕްމަންޓް
- 1 ލޫބެލް ލެބް އަންޑާ ވޯޓާ ލައުޑްސްޕީކާ
- 3 އޯޝަން ރީފް ފުލް ފޭސް، ފޭސް 2 ޑައިވިން މާސްކެއް ހިިމެނެއެވެ.
އެމްއެންޑީއެފްއިން ބުނީ މި އިކްއިޕްމެންޓް ތަކަކީ ކަނޑުއަޑީގައި މުއާމަލާތް ކުރުމަށާއި، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ތަކެތި ކަމަށެވެ. އަދި މީގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސަލާމަތީ އަދި މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ އުރީދޫ މޯލްޑިވްސްއިން ވެދެއްވި މި ދީލަތި އެހީއަށްޓަކައި އެ ފަރާތަށް އިހުލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އަދި ކަނޑުގެ މާހައުލަށް ބިނާވެފައިވާ މިފަދަ ގައުމެއްގައި، ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އަދި ކަނޑުއަޑީގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް މި އިކްއިޕްމަންޓް ތަކަކީ ނުހަނު ބޭނުންތެރި އިކްއިޕްމަންޓްތަކެއްކަންވެސް ހިލްމީ ފާހަގަކުރެއްވިއެވެ.
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އުރީދޫއިން ދެއްވާ މެދުކެނޑުމެއްނެތް އެއްބާރުލުން ވެސް ހިލްމީ ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހާލިދު އަލް ހަމާދީ ވަނީ ރާއްޖޭގެ ކަނޑަކީ ދިރިއުޅުމުގެ މުހިންމު ބައެއްކަމާއި އަދި އެމްއެންޑީއެފުން ކުރައްވާ ބުރަ މަސައްކަތަކީ ގައުމީ ސަލާމަތަށް ނުހަނު މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ޑައިވަރުންގެ ސަލާމަތާއި ކަނޑުއަޑީގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް މިތަކެތި ހަދިޔާކުރެވުމަކީ އެ ފަރާތުން ފަހުރުވެރިވާ ކަމެއް ކަމަށާއި، އުރީދޫގެ އަމާޒަކީ މުޖުތަމައުއަށް ފައިދާ ހުރި، ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުންކަމަށްވެސް ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް އައު އީޖާދުތައް ތައާރަފުކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.





