ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓުގެ އާ ޓަރމިނަލުން އޭ 320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ހިދުމަތް ދެވޭއިރު އެއާޕޯޓްގައި އެއްފަހަރާ ނުވަ ފްލައިޓް ޕާކުކުރެވޭނެއެވެ. އަދި އެއާޕޯޓްގެ އޭޕްރަންގައި އެއާ ބަސްގެ ތިން ބޯޓާއި އޭޓީއާރްގެ ހަ މަތިންދާ ބޯޓް އެއް ފަހަރާ ޕާކުކުރެވޭނެ އެކަށީގެންވާ ޖާގަ އޮންނާނެއެވެ.
މި އެއާޕޯޓުގެ ރަންވޭގައި 2465 މިޓަރުގެ ދިގު މިނެއް ގާއިމުކޮށްފައިވާއިރު އެއާ ޓެރެފިކް ކޮންޓްރޯލް ޓަވަރަކާ، މުޅިން އާ ކާގޯ ޓާމިނަލެއްވެސް ވަނީ ތަރައްގީ ކޮށްފައެވެ.
ހަނިމާދޫ އެއާޕޯޓުގެ މި ޓާމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓާމިނަލަކަށްވާއިރު ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެތެރޭގެ އުދުހުން ތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އިންޓާނޭޝަނަލް ދަތުރު ތަކަށް ކަމަށްވާއިރު ކޮންމެ ފަންގިފިލާ އެއްގައި ދެ ގޭޓު ހުރެއެވެ.
އަތޮޅުތެރޭގެ އެއާޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖެއް މި އެއާޕޯޓްގައި ގާއިމުކޮށްފައިވެއެވެ.
މި އެއާޕޯޓަކީ އަހަރަކު 1.3 މިލިޔަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނޭހެން، އިންޑިއާގެ ޖޭއެމްސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.
މި އެއާޕޯޓް ހުޅުވިގެން ދިއުމާއިއެކު ބޮޑު ތިލަދުންމައްޗަށް ފަތުރުވެރި ކަމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރެވެއެވެ. އަދި މި ސަރަހައްދަކީ ގުދުރަތީ ގޮތުންވެސް ރީތި ސަރަހައްދެކެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަން ކަށަވަރެވެ.




