ދިރިއުޅުމުގައި އެކި މީހުންނަން މުހިންމުވާ ކަންކަން ވަރަށް ތަފާތެވެ. އެއް ބަޔަކަށް އާއިލާ މުހިންމު ވާއިރު، އަނެއް ބަޔަކަށް މުހިންމު ވަނީ އެބައިމީހުންގެ ވަޒީފާއެވެ. ނަމަވެސް މި ދެ ކަމަކީ ތިމާ އުފުލަންޖެހޭ ޒިންމާއެއް ކަމުގައި ވިޔަސް އިސްކަންދޭ ތަރުތީބު ތަފާތުވާން ޖެހޭނެ ދެ ކަމެވެ.
އާއިލާއަކީ ތިމާގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހިތްހަމަޖެހުމެވެ. ލޭގެ ގުޅުންތަކަކީ ދުވަހަކު ވެސް ކެނޑޭނެ ގުޅުމެއް ނޫނެވެ. ނަމަވެސް ވަޒީފާގެ ޒިންމާއަކީ އެ ކަމުގައި ދެމިހުރި ނަމަ އުފުލަންޖެހޭނެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން ވަޒީފާގެ މަސްއޫލިއްޔަތުގެ ބޮޑުކަމުން ތިމާގެ އާއިލީ ގުޅުން ހީނަރުވެގެން ދިޔުމަކީ ދިރިއުޅުން އުފާވެރިވާނެ ކަމެއް ނޫނެވެ. މިކަމަށް ޓަކައި އަޅުގަނޑުމެން ވަރަށް ބޮޑު ޖިހާދެއްކުރަން ޖެހެއެވެ. ދެ ކަމަކީ ވެސް ވަގުތު ގުރުބާންކުރަން ޖެހޭ މުހިންމު ދެ ކަމެވެ.
ދިވެހި މުޖުތަމައުގެ އަމާންކަމާއި ގުޅުންތަކަށް ވިސްނާލަމާތޯއެވެ. މިހާރު ބޮޑެތިވަމުން އަންނަ ޖީލުތަކުގެ އުޅުމާއި ގުޅުން މީގެ ކުރީގެ ޖީލުތަކާ ވަރަށް ވެސް ތަފާތެވެ. އެހެންނަމަވެސް ބައެއްމީހުން ދެކޭގޮތުގައި ބައެއް ކަހަލަ ބަދަލުތަކަކީ ޒަމާނާ އެއްގޮތަށް ބަދަލުވާންޖެހޭނެ ކަންކަމެވެ. ތެދެކެވެ. މީހުންގެ ވިސްނުމާ އެއްގޮތަށް އެބައިމީހުންގެ އުޅުމާއި ގުޅުންތަކުން ތަފާތު ފެނުމަކީ އިންސާނާ ކުރިއަރައި ދިޔުމުގެ މިސާލެއް ކަމުގައި ވެދެއެވެ. މީގެ ކުރީގެ ޒަމާންތަކުގައި އޮފީސްތަކުގައި ވަޒީފާ އަދާކުރާ މީހުން މާގިނައެއް ނޫނެވެ. ގިނަ މައިންނަކީ ދަރިން ބެލުމުގެ ފުރިހަމަ ޒިންމާ ގޭގައި ތިބެގެން އަދާކުރާ މައިންނެވެ. އެފަދަ މައިންނަށް މި ޒަމާނުގެ ކުރިއަރައިފައިވާ އިލްމުގެ މިންވަރެއް ލިބިފައި ނުވެދާނެއެވެ. ނަމަވެސް އެ ޒަމާންތަކުގެ ދަރިންގެ އުޅުމާއި ގުޅުންތައް މި ޒަމާނާ އަޅާބަލާ އިރު ތަފާތުވާ ގޮތާ މެދު މިއަދުގެ މައިން ވިސްނައި ފިކުރުކުރަން ނުޖެހޭތޯއެވެ.
ސަބަބުތަކުގެ ލިސްޓް ދިގެވެ. ފުރަތަމަ ކަމަކަށް ގިނަ ތަޖުރިބާކާރުން ހާމަކުރައްވާ ގޮތުގައި މި ޒަމާނުގެ އާއިލީ ގުޅުންތައް ހީނަރުވެގެން ދިޔަ މައިގަނޑު އެއް ކަމަކީ ބަވަނަވަމުން މިދާ ދުނިޔޭގައި އަހަރެމެންގެ ދިރިއުޅުމަށް އައި ބަދަލުތަކެވެ. ހަލުވިމިނުގައި ކުރިއަރައިދިޔަ އެތަކެއް ގައުމުތަކާ އެއްވަރަށް ފައިހަމަކުރަން މަޖުބޫރުވުމުން މުޅި އާއިލާ ނުކުމެ ތަފާތު މަސައްކަތުގެ ޒިންމާ ނަގަންޖެހުމުގެ ސަބަބުން އާއިލީ ގުޅުންތައް ހީނަރުވެ އެތަކެއް ޒަމާންތަކެއް ފަހަތަށް ގުޅުންތައް ބުރައިގެން ދިޔުމެވެ. އިންސާނީ ބުއްދިން ރަނގަޅަށް ވިސްނައިފި ނަމަ ފަހުމުވާނެ ކަމަކީ ތެދުވެރި އާއިލީ ގުޅުންތަކަކީ ވެސް ދަމަހައްޓަން ޖެހޭނެ ކަމެކެވެ. ނޫން ނަމަ ވަރަށް ފަސޭހައިން އެ ކަމަކީ ބީވެގެން ހިނގައިދާނެ ކަމެކެވެ.
މީގެ ކުރީގެ ޒަމާންތަކުގައި އާއިލީ ޒިޔާރަތްތަކާއި ބައްދަލުވުންތައް ތަފާތު އެތަކެއް ނަން ކިޔާ ހަފުލާތަކެއްގެ މައްޗަށް ބިނާވެގެން ވިއެވެ. އޭގެ ތެރޭގައި ކައިވެނީގެ ވަލީމާއާއި، ކުދީންނަށް ނަން ކިޔުމުގެ ހަފުލާތަކާއި، އީދުގެ ކެއުންތައް ހިމެނެއެވެ. ނަމަވެސް މި ޒަމާނުގައި މިހާރު ކަންހިނގާ އުސޫލަކީ އާއިލީ ގުޅުންތަކަށް ވުރެ ދުރުމީހުން މި ކަންކަމުގައި ވެސް ހިމެނިގެން ދިއުމުގެ ސަބަބުން ހަގީގީ ގުޅުންތައް ހީނަރުވެ އާއިލާގެ އެންމެހާ މީސްތަކުންގެ ތެރޭގައި އޮންނަން ޖެހޭ ސީދާ ގުޅުން ކެނޑިގެން ދިއުމެވެ.
އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމައުގައި މިވަނީ އެތަކެއް ކުށްކުރާ އަދި ވިޔާނުދާ ކަންކަމުގައި ވަގުތު ހޭދަކުރާ ކުދީންނާއި މީހުން ގިނަވެފައެވެ. ކޮންމެ މީހަކު ވެސް އިސްކަންދެނީ އެމީހެއްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. ވަގުތު ހުސްކޮށް އާއިލީ ރިވެތި ގުޅުންތައް ދެމެހެއްޓުމަށް ވިސްނަނީ މަދު ބަޔެކެވެ. މި ކަމަކީ މިއަދު ހިތާމަ ކުރާހާ ދަރަޖައަށް ގޮސްފައިވާ ކަމެކެވެ. ދިވެހި މުޖުތަމައަކީ މީގެ ކުރީގެ ޖީލުތަކުގައި އާއިލީ ރިވެތި ގުޅުންތަކުގެ ސަބަބުން އެތަކެއް ފަތްފުށްތަކެއްގައި އެ ވާހަކަތައް ލިޔެވި، ރީތިނަން ހޯދާފައި ތިބި ބައެކެވެ. އޭގެ ސަބަބުން ރާއްޖޭގެ ދިރިއުޅުމަށް ޝައުޤުވެރިވެ މިކަމުން އުފާ ހޯދާ އެތަކެއް މީހުންނެއް މިހާރު ވެސް އެ ވާހަތައް ތަކުރާރުކުރެއެވެ.
ލޯތްބާއި އަޅާލުމަކީ އެކަމަށް އެދި ކޮންމެ މީހަކު ޝަކުވާކުރާނެ ކަމެއް ނޫނެވެ. ނޫނީ މީހެއްގެ މޫނުން ނުވަތަ އުޅުމުން ފެންނަން ހުރެދާނެ ކަމެއް ވެސް ނޫނެވެ. އެހެން ނަމަވެސް އެއީ ހަމަ ކޮންމެ މީހަކު ވެސް އަދާކުރަންޖެހޭނެ ޒިންމާ ބޮޑު މަސްއޫލިއްޔަތެކެވެ. ތިމާގެ އާއިލީ ގުޅުން ބަދަހިކުރުމަކީ ފަރުދީ އަދި ތަރުބަވީ ރީތި ފިލާވަޅެކެވެ. އަޅުގަނޑުމެންގެ ބިކަވަމުން މިދާ ޖީލަށް ޓަކައި މިކަމާ ވިސްނުމަކީ ވަރަށް މުހިންމުވެއްޖެ ކަމެކެވެ. ވަޒީފާގެ ބުރަބޮޑު މަސްއޫލިއްޔަތުގެ ސަބަބުން ތިމާގެ އާއިލީ ގުޅުން ހީނަރުވެދާ ކަމަށް ވިސްނޭ ނަމަ މި ކަމަކީ ވިސްނުން ހަލުވިކުރަން ޖެހޭނެ ކަމެކެވެ. މިކަމާ ފިކުރުކުރުން ލަސްވެއްޖެ ނަމަ އަޅުގަނޑުމެންގެ ލޯބިވާ ދިވެހި މުޖުތަމައުގެ ނައު، ބެހިގެން ގޮސް އަތް ނުފޯރާ ފަށަށް ހިނގައިދާނެއެވެ. މިކަމާ ވިސްނައި ފިކުރުކޮށް އެންމެހާ އަފުރާދުން އާއިލީ ގުޅުންތައް ބަދަހި ކުރުމަށް ވިސްނަވާށެވެ. ވަޒީފާގެ ޒިންމާއަށް ވުރެ އާއިލީ ލޯބި އިސްކުރާށެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިވެހި މުޖުތަމައު އިސްލާހުވެ ފާގަތި ދުވަސްތަކެއް ލިބުމަކީ ދުރުކަމެއް ނޫނެވެ.




